
ޕީއެންސީގެ މެންބަރުންގެ މަޖިލީހުން އަންހެނުންނަށް ހާއްސަކުރި ދިހަ ގޮނޑިއަށް ބޭފުޅުން އިންތިހާބުކޮށްފި
ޝެއަރ ކުރުމަށް
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ މެންބަރުންގެ މަޖިލީހުގެ ގޮނޑިތަކުގެ ތެރެއިން އަންހެން ބޭފުޅުންނަށް ހާއްސަކުރި ދިހަ ގޮނޑިއަށް ބޭފުޅުން އިންތިހާބުކޮށްފިއެވެ.
އިއްޔެ ފެށުނު ޕީއެންސީގެ މަތީ މަޖިލީހުގައި މިއަދު ކުރިއަށްދަނީ ޕާޓީގެ އެކި މަގާމުތަކަަށް ބޭފުޅުން އިންތިހާބުކުރުމެވެ. އެގޮތުން ޕާޓީގެ ނައިބުރައީސްކަމަށް ހަ ބޭފުޅަކުވަނީ އިންތިހާބުކޮށްފަައެވެ. އޭގެ އިތުރަށް އެ ޕާޓީގެ މެންބަރުންގެ މަޖިލީހަށް ބޭފުޅުން އިންތިހާބުކުރުމަށް ހަމަޖެހިފައިވެއެވެ.
ޕީއެންސީގެ މެންބަރުންގެ މަޖިލީހުން އަންހެނުންނަށް ހާއްސަކޮށްފައިވާ ދިހަ ގޮނޑިއަށް 22 ބޭފުޅަކު ވާދަކުރެއްވިއެވެ. އެ ބޭފުޅުންގެ ތެރެއިން އެ ދިހަ ގޮނޑިއަށް ހޮވިވަޑައިގަތީ މަރްޔަމް ޝިއުނާއާއި، ޝެރީން އަބްދުއްސަމަަދާއި، އާއިޝަތު މުހައްމަދާއި، ފާތިމަތު ރުހުސާނާއާއި، ފާތިމަތު މިޒުނާއާއި، ފާތިމަތު މުހައްމަދާއި، އާސިޔަތު ރިޔާސާއާއި، އާމިނަތު ނަމްޒާއާއި އާމިނަތު ޝުހުދާއާއި މަރިޔަމް ސާމިޔާއެވެ.
މި ބޭފުޅުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބިވަޑައިގެން މެންބަރުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގެންފައިވަނީ މަރްޔަމް ޝިއުނާއަށެވެ. އޭނާއަށް 931 މަންދޫބުން ވޯޓު ދެއްވާފައިވެއެވެ.
ޕާޓީގެ މެންބަރުންގެ މަޖިލީހުގައި އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިތަކުގެ އިތުރަށް ޒުވާނުންނަށްވެސް ގޮނޑިތަކެއް ހާއްސަކޮށްފައިވެއެވެ. އަދި މެންބަރުންގެ މަޖިލީހަށް އެންމެންނަށް ހުޅުވާލައިގެން 18 މެންބަރަކު އާއްމު މެންބަރުންގެ ގޮތުގައި އިންތިހާބުކުރާނެއެވެ.
އެންމެންނަށް ކުރިމަތިލެވޭ ގޮތަށް 18 ގޮނޑިއަކަށް ބޭފުޅުން އިންތިހާބުކުރަން ހަމަޖެހިފައިވާއިރު، އެ 18 މަގާމަށް ޖުމްލަ 70 އަށްވުރެ ގިނަ ބޭފުޅުން ކުރިމަތިލައްވާފައިވެއެވެ.