Article Image

ޕީއެންސީގެ ނައިބުރައީސްކަަމަށް ހަ ބޭފުޅަކު އިންތިހާބުކޮށްފި

ޝެއަރ ކުރުމަށް

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ ޖަލްސާގެ ތެރެއިން އެ ޕާޓީގެ ނައިބު ރައީސްކަމުގެ މަގާމަށް 6 ބޭފުޅަކު އިންތިހާބުކޮށްފިއެވެ.

ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ އެކި މަގާމުތަކަށް މެންބަރުން އިންތިހާބުކުރުމަށް ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ ބޭފުޅުން ކުރިމަތިލެއްވިއިރު، އެންމެ ބޮޑު ވާދަވެރިކަމެއް ފެނިގެންދިޔައީ ނައިބު ރައީސްކަމުގެ މަގާމުތަކަށެވެ. އެގޮތުން ނައިބު ރައީސްކަމުގެ 6 މަގާމަށް 8 ބޭފުޅަކު ވާދަކުރެއްވިއެވެ. އެ ބޭފުޅުންނަކީ:

އަސްމާ ރަޝީދު

މުޙައްމަދު ޙުސައިން ޝަރީފް (މުންދު)

ޢަބްދުﷲ ރާފިޢު

އަޙްމަދު ޝިޔާމް

އިބްރާހީމް ޝުޖާޢު

ފާޠިމަތު ސަޢުދާ

މުޙައްމަދު ނިމާލް

މުޙައްމަދު ސަޢީދު

ޖުމްލަ 1،095 މެންބަރުން ވޯޓުދިން މި އިންތިހާބު ކާމިޔާބުކުރައްވައި، ޕާޓީގެ އައު ނައިބު ރައީސުންގެ ގޮތުގައި އިންތިހާބުވެވަޑައިގެންނެވި ބޭފުޅުންނާއި އެ ބޭފުޅުންނަށް ލިބިވަޑައިގެންނެވި ވޯޓުގެ އަދަދު:

ޢަބްދުﷲ ރާފިޢު: 968 ވޯޓު

އަޙްމަދު ޝިޔާމް: 964 ވޯޓު

ފާޠިމަތު ސަޢުދާ: 923 ވޯޓު

އިބްރާހީމް ޝުޖާޢު: 862 ވޯޓު

މުޙައްމަދު ސަޢީދު: 833 ވޯޓު

މުޙައްމަދު ޙުސައިން ޝަރީފް (މުންދު): 780 ވޯޓު

މި އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ މުޙައްމަދު ނިމާލާއި، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދަށެވެ. އެގޮތުން ނިމާލަށް 301 ވޯޓު ލިބިވަޑައިގެންނެވި އިރު، އަސްމާއަށް ލިބިވަޑައިގަތީ 288 ވޯޓެވެ.

މިއަދާއި މާދަމާ ކުރިއަށްދާ ޕީއެންސީގެ މަތީ މަޖިލީހުގެ ބައްދަލުވުންތަކުގައި، ޕާޓީގެ އެހެނިހެން މަގާމުތަކަށް މެންބަރުން އިންތިހާބުކުރުމުގެ އިތުރުން، ވަޒީރުންގެ މައުލޫމާތު ދިނުމުގެ ސެޝަންތަކާއި، ޒުވާނުންނާއި އަންހެނުންނަށް ހާއްސަ ހަރަކާތްތައް ކުރިއަށްދާނެއެވެ. އަދި އައު މަގާމުތަކުގެ އިގްރާރުވުމާއި، ޕާޓީގެ ކުރިމަގުގެ ތަސައްވުރު އެކަށައެޅުން ވެސް މި ބައްދަލުވުމުގެ ތެރެއިން ކުރިއަށްދާނެއެވެ.