
ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުގެ 49 މަގާމަކަށް ކުރިމަތިލާން ހުޅުވާލައިފި
ޝެއަރ ކުރުމަށް
ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީ (ޕީއެންސީ) މަތީ މަޖިލީހުގެ 49 މަޤާމަކަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
މިކަން ހާމަކުރީ މިރޭ ކޮންގްރެސް ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ އިސްތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުالله ހަލީލެވެ. ފިރުޒުލް ވިދާޅުވީ ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން ލާޒިމްކުރާ ކޮންގްރެސް ނުވަތަ މަތީ މަޖިލީހުގައި ވަރަށް މުހިއްމު މަޤާމުތަކަކަށް ބޭފުޅުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން އިންތިހާބު ކުރެވޭ މަޤާމްތަކަކީ، ޕާޓީގެ ނައިބު ރައީސުންގެ ގޮތުގައި 6 ބޭފުޅަކާއި، މެންބަރުންގެ މަޖލީހުގެ މެންބަރުންގެ ގޮތުގައި 18 މެންބަރުން އަދި އޭގެ އިތުރަށް މެންބަރުން މަޖިލީހަށް ހާއްސަކޮށް ޒުވާނުންގެ ގޮތުގައި އިންތިހާބު ކުރެވިގެންދާނެ 7 މެންބަރުން އަދި އަންހެން ބޭފުޅުންނަށް ހާއްސަ ކުރެވޭ ގޮނޑިތަކަށް 10 ބޭފުޅުން އިންތިހާބު ކުރެވިގެންދާނެއެވެ.
އިތުރު މަޤާމުތައް
އަންހެނުންގެ ހަރަކާތުގެ ރައީސް
އަންހެނުންގެ ހަރަކާތުގެ ނައިބު ރައީސް
އަންހެނުންގެ ހަރަކާތުގެ ސެކްރެޓަރީ
އަންހެނުންގެ ހަރަކާތުގެ ހަޒާންދާރު
ޒުވާނުންގެ ހަރަކާތުގެ ރައީސް
ޒުވާނުންގެ ހަރަކާތުގެ ނައިބު ރައީސް
ޒުވާނުންގެ ހަރަކާތުގެ ސެކްރެޓަރީ
ޒުވާނުންގެ ހަރަކާތުގެ ޚަޒާންދާރު
ފިރުޒުލް އިތުރަށް ވިދާޅުވީ އެޕްލިކޭޝަން ހުށަހަޅާއިރު ކޮންމެ މަޤާމަކަށް ވާދަކުރައްވާ ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ އައިޑީކާޑުގައި ހިމެނޭ މައުލޫމާތު ހުށަހަޅަން ޖެހޭނެ ކަމަށާއި އޭގެ އިތުރުން ޕޮލިސް ރެކޯޑް، އަދި ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކުން ސާފުކޮށްފައިވާ ކުށުގެ ރެކޯޑުގެ އިތުރުން އެބޭފުޅެއްގެ ފޮޓޯއެއް ހުށަހަޅަން ޖެހޭނެކަމަށެވެ.
މީގެއިތުރުން ކުށުގެ ރެކޯޑު ހުށަހަޅާއިރު ވޭތުވެދިޔަ 1 މަސް ދުވަހުގެ ތެރޭގައި ސާފްކޮށްފައިވާ ކުށުގެ ރެކޯޑަކަށް ވާންޖެހޭނެ ކަމަށާއި އަދި 1 މަސް ދުވަހަށްވުރެ މުއްދަތު ދިގު ވެފައިވާ ރެކޯޑަކަށްވާނަމަ އަލުން އެ ރެކޯޑް އާކުރަން ޖެހޭނެކަމަށްވެސް ފިރުޒުލްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
ފިރުޒުލް ވިދާޅުވީ އެބޭފުޅެއްގެ މަގާމުގެ ހައިސިއްޔަތުން ކޮންގްރެސްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެކަމަށާއި، އެގޮތުން މި ކޮންގްރެސްގައި ބައިވެރިވުމަށް ރަޖިސްޓްރީ ވުމަށް ކުޑަދުވަސް ކޮޅެއްގެ ތެރޭގައި ހުޅުވާލެވިގެންދާނެ ކަމަށެވެ.
ކޮންގްރެސްއަށް ޕާޓީގެ ފަރާތުން ހާއްސަ ކޯލް ސެންޓަރއެއް ގާއިމުކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.
"ޕާޓީގެ އެކިއެކި މީޑިއަމްތަކުން ޕާޓީގެ އާންމު މެންބަރުންނަށް މި ދެންނެވި މައުލޫމާތުތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްގެންދެވޭނެ. އަޅުގަނޑުމެން ހަމަ ވަރަށް ޕްރޯއެކްޓިވް ރޯލެއްގަ މުޅި ޕާޓީ ތައްޔާރުވަމުން މިދަނީ. މުޅި ޕާޓީއޭ މި ދެންނެވީ، ޕާޓީގެ އެންމެ އިސް ސަފުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މި ކޮންގްރެސް ފުރިހަމަ ކުރެއްވުމަށްޓަކައި އެ ދެއްވާ އަހައްމިއްޔަތުގެ ދަށުން މުޅި ޕާޓީގެ ލީޑަރޝިޕާއި ޕާޓީގެ އެކި ގުނަވަންތަކާ ޕާޓީގެ ސްޓިއަރިން ކޮމެޓީތަކާ، ދާއިރާތަކުގެ ހަރަކާތްތެރިންނާ އެންމެހާ އާންމު މެންބަރުން މި ކޮންގްރެސްއަށް ތައްޔާރުވުމުގެ މަސައްކަތް ވަރަށް ފޯރީގަ ކުރިއަށް އެބަގެންދަވާ" ފިރުޒުލް ވިދާޅުވިއެވެ.
މި އިންތިހާބުތަކުގެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ ސެޕްޓެމްބަރު 1 އިން ފެށިގެން ސެޕްޓެމްބަރު 8 ވަނަ ދުވަހުގެ ނިޔަލަށެވެ.