
ޕީއެންސީގެ ދާއިރާ އަދި ސްޓިއަރިން ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ޝެއަރ ކުރުމަށް
ކޮންގްރެސް ޕާޓީގެ ދާއިރާތަކުގެ އިންތިހާބު އަންނަ މަހުގެ 11 ގައި ބާއްވަން ނިންމައި އެކަން އިއުލާނުކޮށްފިއެވެ.
މިއަދު އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ކޮންގްރެސް ޕާޓީގެ މަތީ މަޖިލިސް އަންނަ ސެޕްޓެމްބަރުމަހުގެ 15 އިން 18 އަށް ބާއްވަން ނިންމިކަންވެސް އިއުލާނުކޮށްފައެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެ މަޖިލީހުގައި ފޮނަދޫ ދާއިރާ ތަމްސީލުކުރައްވާ އެ ޕާޓީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ންގްރެސް ޕާޓީގެ މަތީ މަޖިލީހުގެ ކަންކަން ރާވައި އިންތިޒާމުކުރުމަށްޓަކައި 13 މެމްބަރުންގެ މައްޗަށް އެކުލެވޭ ޓާސްކްފޯހެއް އެކުލަވާލާފައިވާކަމަށެވެ.
ކޮންގްރެސް ޕާޓީގެ މަތީ މަޖިލިސް ބޭއްވުމަށްޓަކައި އޭގެ ކުރިން ޕާޓީގެ ދާއިރާތަކުގެ އިންތިހާބު ބާއްވާނެކަމަށާއި، ދާއިރާތަކުގެ އިންތިހާބު އަންނަމަހުގެ 11 ގައި ބާއްވަން ނިންމާފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
"އެ އިންތިހާބު އިއުލާނުކުރާ ދުވަސް މިއަދަކީ. މި މި ހުޅުވާލަނީ ޕާޓީގެ ދާއިރާގެ ރައީސުން، ދާއިރާގެ ނައިބު ރައީސުން، އަންހެނުންގެ ހަރަކާތުގެ ރައީސުން، ޒުވާނުންގެ ހަރަކާތުގެ ރައީސުން، ސްޓިއަރިން ކޮމިޓީގެ ރައީސުން، މި އިންތިހާބަށް މިއަދު މި ހުޅުވާލަނީ، މިއަދުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކުރިމަތިލުމުގެ ފުރުސަތު، މިކަމަށް ހާއްސަ ޕޯޓަލެއްވެސް މިއަދު އެބަ އިފްތިތާހުކުރަން،". އަބްދުއްރަހީމް ވިދާޅުވިއެވެ.
މި މަގާމުތަކަށް ޝައުގުވެރިވާ މެމްބަރުން އެކަމަށް އެދި ހުށަހަޅާނީ މި ޕޯޓަލް މެދުވެރިކޮށްކަމަށް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ މި މަގާމުތަކަށް ވާދަކުރެވޭނީ މިއަދާ ހަމައަށް ކޮންގްރެސް ޕާޓީގައި ދަފްތަރުވެފައި ތިބި މެމްބަރުންނަށްކަމަށެވެ. އަދި މި އިންތިހާބުގައި ވޯޓުލެވޭނީވެސް މިއަދާ ހަމައަށް ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
"މި އިންތިހާބު އޮންނާނީ 11 ޖުލައި 2026 ވާ ހޮނިހިރު ދުވަހު، މިއަދު މި ހުޅުވާލީ އިންތިހާބަށް، 30 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު ހަމަވާނީ، މުއްދަތު ހަމަވުމާއެކީގައި ޖުލައި 1 ވަނަ ދުވަހު އަޅުގަނޑުމެން ވަގުތީ ވޯޓާސް ލިސްޓް އިއުލާނުކުރާނަން، އެއަށްފަހު ތިން ދުވަހުގެ މުއްދަތެއް އަޅުގަނޑުމެން ދޭންނަ ޝަކުވާ ހުށަހަޅަން، ދީފައި ދެން ޖުލައި މަހުގެ 4 ވަނަ ދުވަހު ދާއިމީ ލިސްޓު އާއްމުކުރާނަން،". އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ދާއިރާގެ ރައީސުން އިންތިހާބުކުރާނީ ކޮންގްރެސް ޕާޓީ ތަމްސީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ނެތް ދާއިރާތަކަށްކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބެވި ދާއިރާތަކުގެ ރައީސުންނަކީ އެ މެމްބަރުންކަަމަށް ވިދާޅުވިއެވެ.
މީގެ އިތުރަށް ކޮންގްރެސް ޕާޓީގެ ގަވާއިދު ބުނާގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްކަމަށްވިޔަސް ޕާޓީގެ އަސާސީ ގަވާއިދާ ހިލާފުވެފައިވާ މެމްބަރުންނާއި އަދި އެ މެމްބަރަކު ކުރަމުންދާ ކަމެއްގެ ސަބަބުން ޕާޓީއަށް ގެއްލުންވާނަމަ އެފަދަ މެމްބަރުން ދާއިރާގެ ރައީސްކަމުން ވަކިކުރުމުގެ ބާރު ޕާޓީގެ ލީޑާޝިޕަށް ލިބިގެންވާކަމަށް ބަޔާންވެފައިވާކަމަށެވެ.
އެފަދަ ހާލަތެއް މެދުވެރިވެގެން މެމްބަރަކު މަގާމުން ވަކިކޮށްފައިވާނަމަ އެދާއިރާއަކަށް ވެސް ރައީސުން އިންތިހާބުކުރާނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.