Article Image

ދަރަނި އަދާކުރަމުން ހުއްޓުމެއް ނެތި ތަރައްގީގެ މަޝްރޫއުތައް ހިންގާނެ ޕްލޭނު އެބައޮތް: ރައީސް

ޝެއަރ ކުރުމަށް

މި ސަރުކާރުން މިހާރު ފަށާފައި ހުރި މަޝްރޫއުތަކާއި އަދި އަލަށް ފަށަން ހުރި މަޝްރޫއުތަކާއެކު ޖުމްލަ 2،645 މަޝްރޫއެއް ހިންގުމަށްޓަކައި އެ މަޝްރޫއުތައް ކުރިއަށްގެންދާނެ ގޮތުގެ ޕްލޭން އެކުލަވައިލާ ތަންފިޒުކުރާނެ ގޮތް ކަނޑައަޅައި ނިމިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ދ.މީދޫގައި މިރޭ ކުރިއަށްގެންދިޔަ ޕީއެންސީގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ބޮޑުވުމާއި އަދި އިމާރާތްކުރުމުގެ މަސައްކަތަށް ބޭނުންވާ ސާމާނު ހޯދުމާއި ރާއްޖެ ގެނައުމުގައި ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ގޮންޖެހުން ސަރުކާރަށާއި އަމިއްލަ ވިޔަފާރިތަކަށްވެސް ކުރިމަތިވި ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އެ މައްސަލަތައް މިހާރު ދަނީ ހައްލުކުރެވެމުންނެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރުގެ މަސައްކަތްތަކުގެ ދުވެލި ހަލުއިކުރެވިގެންދާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

"އަަޅުގަނޑުމެން މިހަފުތާ ތެރޭގައި މިއަދު އެންމެ ފަހުން ކެބިނެޓުގައި މަޝްވަރާކޮށް ހުރިހާ މަޝްރޫއެއްގެ ތަރުތީބު ކަނޑައަޅައި ނިންމާފައި. އާދެ، މިހާރު ސޮއިކުރެވިފައި ހުރި މަޝްރޫއުތަކާއި، މިއަހަރު އަލަށް ސޮއިކުރަން ހުރި މަޝްރޫއުތަކާއި، އަދި މި އަންނަ އަހަރު އަޅުގަނޑުގެ ވައުދުތައް ފުއްދުމަށް ދެން ސޮއިކުރަން ހުރި މަޝްރޫއުތައް އެއްކޮށްލާއިރު، 2،645 މަޝްރޫއެއް ހިމެނޭ. މި 2،645 މަޝްރޫއު ގެންދާނެ ގޮތް އަޅުގަނޑުމެން މިހާރުވަނީ ޕްލޭންކޮށްފައި،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ޕްލޭނުގައި ހިމެނެނީ މަޝްރޫއުތައް ނިންމުމުގައި އިސްކަންދޭނީ ކޮން ބާވަތެއްގެ މަޝްރޫއުތަކަކަށްކަމާއި، ކޮންމެ މަހަކަށް ނިންމުމަށް އަމާޒުކުރާނެ މަޝްރޫއުތަކާއި މަޝްރޫއުތަކަށް ހަރަދުކުރުމާއެކު، އަދާކުރަންޖެހޭ ދަރަނިތައް ބަރާބަރަށް އަދާކުރަމުން ދައުލަތަށް ލިބޭ އާމްދަނީ ބެލެހެއްޓޭނެ ގޮތްތަކެކެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ކަނޑައަޅާ ތަވާލާ އެއްގޮތަށް މަޝްރޫއުތަކުގެ މަސައްކަތްކުރިއަށްގެންދާނީ އެއްވެސް މަޝްރޫއެއް އެކީ ނުހުއްޓޭނެކަން ކަށަވަރުކުރެވޭ ގޮތަށެވެ. އަދި އެމަނިކުފާނު ރަށްރަށަށް ވެވަޑައިގެންފައިވާ ހުރިހާ ވައުދުފުޅުތަކެއް ހަގީގަތަކަށް ހެދުމަށް މަސައްކަތްކުރެވިގެންދާނެ ކަމށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ކަންކަން ކުރަމުންދަނީ ޕްލޭނެއްގެ ތެރެއިންކަމަށާއި، އެ ޕްލޭނުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިއުމާއެކު، ބަޖެޓުތަކުގެ ޑެފިސިޓުވެސް ދެމެހެއްޓެނެވި މިންގަނޑުތަކެއްގެ ތެރޭގައި ހިފަހެއްޓުން ކަމަށެވެ.