ރައީސް އިންޑިއާއަށް ކުރެއްވި ކާމިޔާބު ދަތުރުފުޅު ނިންމަވާލައްވައިފި
ޝެއަރ ކުރުމަށް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިއަދު ރާއްޖެއަށް ވަޑައިގެންފިއެވެ.
އިންޑިއާގެ ރައީސް ދުރްޕާދީ މުރުމޫގެ ދަޢުވަތަކަށް ރައީސް އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެ ޤައުމުގެ ރައީސާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވާފައިވެއެވެ. ބޮޑޫވަޒީރާއެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު 400 މިލިއަން ޑޮލަރާއޮ 30 ބިލިއަން ރުފީސްގެ ކަރަންސީ ސްވޮޕު އެއްބަސްވުމެއްގައި ދެ ޤައުމުގެ މަރުކަޒީ ބޭންކުތަކުގެ މެދުގައި ސޮއިކޮށްފައިވެއެވެ.
މި އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ރިޒާވްއަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލުކުރެވި ވަރަށް ބޮޑު ލުޔެއް ލިބޭނެއެވެ. އޭގެ އިތުރަށް އެ އެއްބަސްވުމުގައި ހިމެނޭ ރުޕީސްގެ ކަރަންސީ ސްވޮޕުގެ ސަބަބުން ދެ ޤައުމުގެ މެދުގައި ރުފިޔާއާއި ރުޕީސްއިން ވިޔަފާރިކުރުމަށް މަގުފަހިވާނެއެވެ.
އިންޑިއާގެ އެހީގައި ހަނިމާދޫގައި ތަރައްޤީކުރަމުންދާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭވެސް ދެ ލީޑަރުންވަނީ އިފުތިތާޙުކޮށްދެއްވާފައެވެ. އަދި ރާއްޖޭގައި އިންޑިޔާގެ ރޫޕޭ ކާޑު ބޭނުންކުރަން ފަށާފައިވެއެވެ. އޭގެ އިތުރަށްވެސް މުހިއްމު ހަތަރު އެމްއޯޔޫއެއްގައި އެ ބައްދަލުވުމަށްފަހު ދެ ޤައުމުން ސޮއިކޮށްފައިވެ އެވެ.
އަދި ރާއްޖެ އާއި އިންޑިއާގެ ގުޅިގެން އިޤުތިޞާދީ ދާއިރާ އާއި ކަނޑުގެ ސަލާމަތީ ދާއިރާއިން މަސައްކަތްކުރާނެ ގޮތުގެ ތަސައްވުރު އެކުލެވޭ އެއްބަސްވުމަކަށް ދެ ޤައުމުގެ ލީޑަރުން އެ ބައްދަލުވުމުގައި އެއްބަސްވެވަޑައިގެންފައިވެއެވެ.
މި ދަތުރުފުޅުގެ ތެރެއިން ދިއްލީއާއި މުމްބާއީ އަދި ބެންގަލޫރުގައި އިންޑިއާގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި ހުރި އިންވެސްޓު ފުރުޞަތުތަކާއި ވިޔަފާރީގެ ފުރުޞަތުތަކުގެ މައުލޫމާތު ދިނުމަށް ބޭއްވި ބިޒްނަސް ފޯރަމުތަކުގައި ރައީސް ބައިވެރިވެވަޑައިގަތެވެ. އަދި ރާއްޖޭގައި ހުރި އިޤުތިޞާދީ އަދި ވިޔަފާރީގެ ފުރުޞަތުތައް ފާހަގަކުރައްވައި އިންޑިއާގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި އިންވެސްޓުކުރަން ރައީސް ދަޢުވަތު ދެއްވިއެވެ.
މި ދަތުރުފުޅުގައި މުމްބާއީއަށް ކުރެއްވި ޒިޔާރަތުގައި އަދި ބެންގަލޫރަށް ކުރެއްވި ޒިޔާރަތުގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމުގެ ހާއްސަ ހަރަކާތްތަކެއްގައިވެސް ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.
އަދި ދިއްލީއާއި ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި އެމީހުންގެ ކަންބޮޑުވުންތަކާއި ކުރިމަތިވާ ދަތިތައް ރައީސް ވަނީ އޮޅުންފިލުއްވާފައެވެ.
މި ދަތުރުފުޅުގައި އިންޑިޔާއާއި ދިވެހިރާއްޖޭގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކޮށް އިޤުތިޞާދާއި ވިޔަފާރީގެ އިތުރުން އެހެނިހެން ދާއިރާތަކުން ދެ ޤައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާމެދު ދެ ޤައުމުގެ ސަރުކާރުން އެއްބަސްވެފައިވެއެވެ.