Article Image

ބޭންކުގެ ނިންމުމަކީ އިދިކޮޅުން ގެންނަންއުޅުނު މާލީ ބަޣާވާތެއް: ވަޒީރު ޝިޔާމް

ޝެއަރ ކުރުމަށް

ބީއެމްއެލްއިން ޑޮލަރު ލިމިޓްކުރަން ނިންމި ނިންމުމަކީ އިދިކޮޅުން ގެންނަންއުޅުނު މާލީ ބަޤާވާތެއްކަމަށް ޕްރޮގްރެސިވް ޕާޓީގެ ނާއިބު ރައީސް އަދި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ވަޒީރު ޝިޔާމް ވިދާޅުވީ ދިވެހިންގެ ބޭންކް، ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް އެމްޑީޕީއިން އިސްވެ ތިބެ ކުރަންއުޅުނީ ވަރަށް ޒިންމާދާރުކަން ކުޑަ، އަދި އެތަށް ރައްޔިތެއްގެ ޙައްގަށް އަރައިގަތުމުގެ ބޮޑު ބަޣާވާތެއްކަމަށެވެ. ނަމަވެސް އެކަން ރައީސުލްޖުމްހޫރިއްޔާގެ ޙިކުމަތްތެރި ނިންމެވުމާއެކު ނާކާމިޔާބުކޮށްލާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވީ އެމްޑީޕީން އަނެއްކާވެސް އެ ދައްކުވައިދިނީ އެޕާޓީގެ އަސްލު ސޫރަކަމަށާއި ރައްޔިތުންނަށް ގެއްލުން ދިނުން ނޫން ވިސްނުމެއް އެޕާޓީގައި ނެތްކަމަށެވެ.

"އެމީހުން އަޑީގައި ތިބެގެން މާލީ ބަޤާވާތެއް ގެންނަން ހިފާފައި އޮތީ. އިއްތިފާގެއް ނޫން އެއީ، ބޭންކުން އެ ނިންމުން ނިންމިއިރު އެމީހުން ނޫސްވެރިންގެ ބައްދަލުވުމުގައި އެ ވާހަކަ ދައްކަން ތިބުމަކީ. އެމީހުންނަށް ނޭންގުނީ މިހާރުގެ ރައިސްގެ ޙިކުމަތްތެރިކަން. މިއީ ރައްޔިތުންގެ ކަންކަމުގައި ކުރިމަތިލާން ކެރިވަޑައިގަންނަވާ ވެރިއެއްކަން އެމީހުން ހަނދާން ނެތުނީ. އެމީހުން ތަޖުރިބާ ކުރި ވެރިން މިފަދަ ޙާލަތުގައި ފިއްލެވީ" މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދި ޝިޔާމް ވިދާޅުވިއެވެ.

އެމްޑީޕީއިން 5 އަހަރުގެ ދަޢުރު ނިންމާ ވެރިކަމުން ފޭބީ ޤައުމު ބަނގުރޫޓުކޮށް، އޮތް ޙާލަތަށް ދޫކޮށްލާފައިވާކަމަށެވެ. ބޮޑެތި ޢަދަދުތަކުން ލޯނާ ދަރަނި ނެގިއިރު، ޤައުމަށް އާމްދަނީ އިތުރުކުރުމަށް އެއްވެސް ކަމެއް ކޮށްފައި ނެތްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ކޮވިޑުގެ ޙާލަތާ ހުރިހާ ކަމެއް އަޅުވާކިޔަމުންދާއިރު، އެއީވެސް ރައްޔިތުންނަށް އޮޅުވާލި ބޮޑު އޮޅުވާލުމެއްކަމަށެވެ. ނިމުނު ސަރުކާރުގައި 39 ލޯނެއް ނަގައި، 42.1 ބިލިއަން ރުފިޔާ ނަގާފައިވާކަމަށެވެ. އަދި 60 މިލިއަން ރުފިޔާގެ ދަރަނި ނަގާފައިވާކަމަށެވެ. ޝިޔާމް ވިދާޅުވީ މީގެތެރޭގައި ކޮވިޑްގެ ނަމުގައިވެސް ބޮޑެތި ޢަދަދުތަކުން ލޯނުތައް ނެގިކަމަށެވެ.

"ކޮވިޑްގެ ނަމުގައި 10 ލޯނު ނަގާފައިވޭ. އެއީ 2.4 ބިލިއަން ރުފިޔާ. ނަމަވެސް އެއީ މުޅި ސަރުކާރުގައި ނެގި ލޯނުގެ %5. އެކަމު މާލީ ޙާލަތާ ކޮވިޑާ އަޅުވާ ކިޔަމުން ދިޔައީ." މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދި ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ބޮޑެތި އަދަދުން ފައިސާ ނެގިނަމަވެސް ޤައުމަށް ފައިދާވާނެ އެއްވެސް ކަމެއް ކޮށްފައި ނެތްކަމަށެވެ. އެންމެ މުހިންމު މަޝްރޫޢު، ވީއައިއޭގެ ޕެސެންޖަރ ޓަރމިނަލް މަޝްރޫޢު ވެސް އޮތީ މަޑު ދުވެލީގަކަމަށް ވިދާޅުވިއެވެ. ބަދަލުގައި 8 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވާއިރު، މިއީ ޑޮލަރުގެ ދަތިކަން ރާއްޖެއަށް ބޮޑުވި އެންމެ ބޮޑު ސަބަބުކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވަނީ އިދިކޮޅު ޕާޓީތަކުން ރައްޔިތުންނަށް ފައިދާހުރި ގޮތަށް އަދި ޒިންމާދާރުކަމާއެކު ސަރުކާރު ޖަވާބުދާރީކުރުމަށް މަސައްކަތްކުރުމަށް އެދިވަޑައިގެންފައެވެ.